މުޞައްނިފް

އަޅުގަނޑު، އަޙްމަދު ޝަރީފަކީ ހޮބީއެއްގެ ގޮތުގައި 2006 ވަނަ އަހަރުން ފެށިގެން ވެބްސައިޓް ފަރުމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ މީހަކީމެވެ. އެެގޮތުން އަމިއްލަ ވެބްސައިޓާއި އެހެނިހެން ބޭފުޅުންގެ ވެބްސައިޓުތަކުގެ އިތުރުން އެކި ކުންފުނިތަކާއި ސަރުކާރު މުއައްސަސާތަކުގެ ވެބްސައިޓުތައް ހެދުމުގައި އަޅުގަނޑު މަސައްކަތްކޮށްފައި ވާނެއެވެ. އަދި “ނޮވިޓްސް” ގެ ނަމުގައި ޓެކް ފަރމެއް އުފައްދައި ޓެކްނިކަލް ސަޕޯޓާއި ހޯސްޓިން އަދި ޑިޒައިން ސޮލިއުޝަންތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އަޅުގަނޑު ކުރަމެވެ.

އަޅުގަނޑަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރެއްގެ މަޤާމު އަދާކުރަމުން ގެންދިޔަ މީހަކީމެވެ. ނަމަވެސް މިހާރު އަޅުގަނޑު މަސައްކަތް ކުރަނީ ކްރޮއޭޝިއާގެ ޔުނިވަރސިޓީ އޮފް ޒަގްރެބުގެ ފެކަލްޓީ އޮފް އޮގަނައިޒޭޝަން އެެންޑް އިންފޮމޭޓިކްސްގައި ރިސަރޗް އެސިސްޓެންޓެއްގެ ގޮތުގައެވެ.

މި މަސައްކަތުގައި އަޅުގަނޑު މި ހޭދަކުރި ދުވަސްތަކަކީ ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކެކެވެ. އެހެނީ އެކިއެކި ފަރާތްތަކުން ތައްޔާރުކޮށްފައި ހުންނަ ވެބްސައިޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމާއި ފަންނީ މަޝްވަރާދީ އެހީތެރިކަން ފޯރުކޮށްދީފައި ވާނެއެވެ. އެހެންކަމުން މި ފޮތް ލިޔުމުގެ މައިގަނޑު މަޤްޞަދަކީ، އަޅުގަނޑަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި، ވެބްސައިޓެއް ލޯންޗުކުރަން ތިޔަ ބޭފުޅުންނަށް އެހީތެރިވެދިނުމެވެ. މި ފޮތުގެ ޗެޕްޓަރުތަކުގެ ވީޑިއޯ ވެސް އަޅުގަނޑުގެ ވެބްސައިޓުން ފެންނާނެއެވެ. إن شاء الله. މީގެއިތުރުން ވެސް އިތުރު އެހީ ހޯދޭނެ ގޮތްތައް އެކަމަށް ޚާއްޞަ ކުރެވިފައިވާ ސުރުޚީ “އިތުރު އެހީ ހޯދުން” ގެ ދަށުގައި ހިމަނާފައި ވާނެއެވެ.

އަޅުގަނޑުގެ އުންމީދަކީ އަދި ދުޢާއަކީ މި ފޮތަކީ ތިޔަ ބޭފުޅުންނަށް ފައިދާ ހުރި ކަމުދާ ފޮތެއް ކަމުގައި ލެއްވުމެވެ. އާމީން.